ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ފްރެއިބާގްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެސްޓަން ވިލާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު ފައިނަލްގައި އެސްޓަން ވިލާ އިން ވަނީ 3-0 އިން ފްރެއިބާގް ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ ޔޫރީ ޓީލަމަންސް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އެމީ ބުއެންޑީއާ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެސްޓަން ވިލާގެ ތިން ވަނަ ލަނޑު ޖެހީ މޯގަން ރޮޖާސްއެވެ.
މޮޅާ އެކު އެސްޓަން ވިލާ އިން ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާއިރު، އެސްޓަން ވިލާ އިން މި ވަނީ 30 އަހަރަށް ފަހު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އަނެއްކޮޅުން އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ އަށް ވެސް މިއީ ތާރީޚީ ކާމިޔާބެކެވެ. އޭނާ ވަނީ ތަފާތު ތިން ކުލަބަކާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. މީގެ ކުރިން އޭނާ ވަނީ ސެވިއްޔާ އާއި ވިޔަރެއާލް އާއެކު ވެސް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ.
އެސްޓަން ވިލާގެ ކޯޗު ކަމާ އެމެރީ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ.



