ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދައިފިއެވެ.
ލީގުގައި ބާކީ ތިން މެޗު އޮއްވާ ބާސާއިން ލީގު ޔަގީންކުރީ 35 މެޗުން 91 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލް ދެވަނައިގައި އޮތީ 35 މެޗުން 77 ޕޮއިންޓާއެކުގައެވެ.
މިއީ ބާސާއިން ލީގު ޗެމްޕިއަންކަން ހޯދި 29 ވަނަ ފަހަރެވެ.
ރެއާލަށް އެތެރޭގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފައި އޮވެގެން މެޗަށް ނުކުމެފައިވާ އިރު، މި މެޗުގެ 9 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. މިއީ ރެއާލްގެ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުމެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ރަޝްފޯޑް ކާމިޔާބުކުރި ގޯލެކެވެ.
އަދި ޑެނީ އޮލްމޯ ދިން ރީތި ޕާހަކުން މެޗުގެ 18 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކުރި ނަމަވެސް އެޓީމަށް ވަނީ ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.
ރެއާލުން މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާއެވެ.



