- Advertisement -spot_img

ވަލްވާޑޭ އާއި ޗުއަމެނީ މެދުގައި ހިނގި މާރާމާރީގެ މައްސަލައެއް ރެއާލް މެޑްރިޑުން ބަލަން ފަށައިފި

ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ އައުރެލިއަން ޗުއަމެނީ އާއި ފެޑެރީކޯ ވަލްވޭޑޭގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ރެއާލުން ބަލަން ފަށައިފިއެވެ.

ވަލްވޭޑޭ އާއި ޗުއަމެނީގެ މެދުގައި ޖެހިޖެހިގެން ދެ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އެ ގޮތުން، ބުދަ ދުވަހުގެ ޓްރެއިނިންގެ ތެރެއިން ވަލްވޭޑޭ އާއި ޗުއަމެނީ މެދުގައި ޒުވާބުތަކެއް ހިނގައި، ދެ ކުޅުންތެރިން މެދުގައި ކޮންމެ ވެސް މިންވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ.

އޭގެ ފަހުން، އިއްޔެގެ ޓްރެއިނިން ތެރޭގައި ވެސް ދެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، އެ މައްސަލަ އިތުރަށް ގޯސްވީ، ޗޭންޖިން ރޫމަށް ދިޔަ ފަހުންނެވެ. އެގޮތުން ޗުއަމެނީ އާއި ވަލްވޭޑޭގެ މި މާރާމާރީގެ ތެރެއިން، ވަލްވޭޑޭގެ ބޮލަށް އަނިޔާތަކެއް ލިބުނުއިރު، އޭނާ ވަނީ އެ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދާފައެވެ.

ވަލްވާޑޭއާއި ޗުއަމެނީގެ މައްސަލަ ބަލާނެ ކަމަށް ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ އިރު، ހިނގާ ދިޔަ ކަންކަން ދިމާވި ސަބަބެއް އަދި އެކަންކަމުގެ ތަފްސީލެއް ވެސް ރެއާލުން ހާމަކޮށްފައެއް ނުވެއެވެ.

ރެއާލަށް މި ސީޒަން ހުސްއަތާ ނިންމާލަން ޖެހިފައިވާއިރު، މި ސީޒަނުގެ މެދުތެރެއިން ކޯޗު ޒަބީ އޮލޮންސޯ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ގުޅުންހުރި ލިޔުންތައް