- Advertisement -spot_img

ޔުއެފާ ޗެމްޕިއަންސް ލީގު: 20 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އާސެނަލް ފައިނަލަށް ދަތުރުކޮށްފި

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އާސެނަލުން 20 އަހަރަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ސެމީފައިނަލްގެ ދެ ވަނަ ލެގުން 1-0 އިން މޮޅުވެ، 2-1 އިން އެގްރިގޭޓުން ވަނީ ކުރި ހޯދައިފައެވެ. މިދިޔަ ހަފްތާގައި އެތުލެޓިކޯ ދަނޑުގައި މި ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ހާފު ނިމުމުގެ ކުރިން އާސެނަލަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ. ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް މަތަކޮށްފައިވާ އިރު، ރީބައުންސްގައި ސަކާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް އިތުރު ލަނޑުތަކެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މިއީ 2006 ވަނަ އަހަރަށް ފަހު އާސެނަލުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފަހަރު އާސެނަލް ވަނީ 2-1 އިން ބާސެލޯނާ އަތުން ބަލިވެފައެވެ.

ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ މިރޭ ބަޔާން މިއުނިކް އާއި ޕީއެސްޖީއާ ކުޅޭ މެޗަށްފަހު ކުރި ލިބޭ ޓީމަކާއި ދެކޮޅަށެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 30 މެއި ވާ ހޮނިހިރު ދުވަހުގެރޭ ހަންގޭރީގެ ބުޑަޕެސްޓްގައެވެ.

ގުޅުންހުރި ލިޔުންތައް