ފީފާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ޖިއާނީ އިންފަންޓީނޯ އިއުލާނުކުކޮށްފިއެވެ.
މިއާއިއެކު، އޭޝިއާގެ ގައުމުތަކުގެ ފުރިހަމަ ތާއީދު އޭނާއަށް އޮތްކަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ހާމަކޮށްފިއެވެ.
އަންނަ އަހަރު އޮންނަ ފީފާގެ އިންތިހާބުގައި ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިންފަންޓީނޯ އިއުލާނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކޮންގްރެސްގަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް ސެޕް ބްލެޓާ އިސްތިއުފާ ދެއްވުމުން 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަގާމާ ހަވާލުވެވަޑައިގަތް އިންފަންޓީނޯ ވަނީ، 2019 އަދި 2023 ވަނަ އަހަރު ވެސް އިތުރު ކެންޑިޑޭޓަކާ ވާދަކުރަން ނުޖެހި ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބުކުރައްވާފަ އެވެ.
އޭއެފްސީގެ ރައީސް އަދި ފީފާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިންފަންޓީނޯގެ ލީޑަޝިޕްގެ ދަށުން އޭޝިއާގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ފީފާ މިހާރު އޮތީ ވަރަށް ރަނގަޅު މިސްރާބެއްގައި ކަމަށާއި، 2016 ވަނަ އަހަރުން ފެށިގެން އޭޝިއާ އޮތީ ދެގޮތެއް ނުވެ އިންފަންޓީނޯއާ އެކުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި މިހާރުގެ ލީޑަޝިޕުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން ޝެއިހް ސަލްމާން ވިދާޅުވީ، ކުރިއަށް އޮތް 2027-2031 ގެ ދައުރަށް ވެސް އޭއެފްސީގެ ފުރިހަމަ ތާއީދު އިންފަންޓީނޯއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.



