ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ފުޓްސަލް ފިއެސްޓާ ރޭ ރަސްމީކޮށް ފަށައިފިއެވެ.
ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތޮލާލެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވިކްޓްރީ ޝީލްޑް މެޗް ކުޅެފައިވާއިރު، އެ މެޗުގައި ވާދަކުރީ 2024 ވަނަ އަހަރުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަން ޓީމް އާއި 2025 ވަނަ އަހަރުގެ ޗެންޕިއަން ޓީމެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި އަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުން ޖުމުލަ 31 ޓީމު ބައިވެރިވެފައިވެއެވެ.
މި އަހަރުގެ މުބަރާތުގެވެސް ޓައިޓަލް ސްޕޮންސާ އަކީ ދިރާގެވެ. އަދި ލައިފް ސްޓައިލް ޕާރޓްނަރެއްގެ ގޮތުގައި އީޒެޕް، އެސޯސިއޭޓް ޕާރޓްނަރަކަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން، މީޑިއާ ޕާރޓްނަރަކަށް ވޮއިސް، އަދި ސްޕޮންސަރެއްގެ ގޮތުގައި ތޫލް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު ދެމެހެއްޓުމަށް އެމްއެންޔޫއެސްޔޫ އިން ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ.



