ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި، އާސެނަލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އާސެނަލުންނެވެ. އެގޮތުން މެޗުގެ 44 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މި ގޯލު އާސެނަލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ވިކްޓަ ޔޮކަރޭސް އެވެ. މިއީ ޔޮކަރޭސް އަށް އެތުލެޓިކޯގެ ޑިފެންޑަރަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ދެވަނަ ހާފުގައި އެތުލެޓިކޯ އިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ އާސެނަލްގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ބެން ވައިޓްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ.
މި ގޯލަށްފަހު ވެސް އެތުލެޓިކޯ އިން ދިޔައީ އާސެނަލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ގްރިޒްމަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މޮލީނާ އަދި ލުކްމަން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ގޯލަށް ފޮނުވާލާފަ އެވެ.
މެޗުގެ 80 ވަނަ މިނެޓްގައި އާސެނަލްގެ އެބެރެޗީ އެޒޭއަށް އެތުލެޓިކޯގެ ޑިފެންޑަރު ހަންކޯ ކުރި ފައުލަކާ ގުޅިގެން އާސެނަލަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ޕެނަލްޓީ ކެންސަލްކޮށްފައެވެ.
އާސެނަލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ ސެމީގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.



