- Advertisement -spot_img

ޔުއެފާ ޗެމްޕިއަންސް ލީގު: ބަޔާން އަދި ޕީއެސްޖީގެ މެޗުގައި ލަނޑު ގޯންޏެއް!

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ޕީއެސްޖީން 5-4 އިން ބަޔާން މިއުނިކް ބަލިކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ 17 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ ބަޔާނަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 24 ވަނަ މިނެޓްގައި ކްވިޗާ ކްވަރަޝްކޭލިއާ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ 33 ވަނަ މިނެޓްގައި ޖައޯ ނެވޭސްގެ ގޯލުން ޕީއެސްޖީން ވަނީ ލީޑު ނަގައިފައެވެ.

މެޗުގެ 41 ވަނަ މިނެޓްގައި މައިކަލް އޮލީސޭ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން އޮސްމާނޭ ޑެމްބެލޭ ވަނީ އަލުން ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ޕީއެސްޖީން ވަނީ ދެ ގޯލު ކާމިޔާބުކޮށް އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މި ދެ ގޯލު ކާމިޔާބުކޮށްދިނީ ކްވަރަޝްކޭލިއާ އާއި ޑެމްބެލޭއެވެ.

މެޗުގެ 65 ވަނަ މިނެޓްގައި ބަޔާންގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓް ފަހުން ލުއިސް ޑިއާޒް ވަނީ ބަޔާންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. ބަޔާނުން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރާ ސެމީގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.

ގުޅުންހުރި ލިޔުންތައް