ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއި ދެކޮޅަށް ކުޅުނު މެޗުން، 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ލެވަކޫސަން އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަލްޖަންޑްރޯ ގްރިމާލްޑޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޕެޓްރިކް ޝެއިކް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ބަޔާ ލެވަކޫސަން ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ބަޔާ ލެވަކޫސަންއަށް އަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތީ ޑިސެންބަރު 11 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ހަމަ އެރޭ އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ނުކުންނާނީ އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.



