ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ރ. ދުވާފަރުގައި 50 އަށްވުރެ ގިނަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި ފެށި ބޮޑު އޮޕަރޭޝަނާ އެކު ބައެއް މީހުން ރަށްރަށަށް ފިލައިގެންދާ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.
މީގެ ކުރިން ވަނީ އިމިގްރޭޝަނުން ރ. އަތޮޅުގައި އޮންނަ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދާ ކަމަށް ހީކޮށް، އެ ރިސޯޓުގެ 60 ބިދޭސީއަކު ފިލަން ވެގެން ރ. މަޑުއްވަރީއަށް ދިޔަ އެވެ. އެ މައްސަލާގައި އިިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހޯދުމަށް މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 6،750 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ”އޮޕަރޭޝަން ކުރަނގި“ ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން މިހާތަނަށް 100,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައިވެއެވެ.