ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމަކަށްވާއިރު، އެ ގުޅުން ކަނޑައިލާ މީހަކު ސުވަރުގެ ނުވަންނާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އެކަކު ކޮށްދޭ ހެއުކަމަކަށް އޭގެ ބަދަލުގައި ކަމެއްކޮށްދިނުމެއް ނޫން ކަމަށެވެ.
އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާއިރު، މި ޢާއިލާތައް ހަރުދަނާކުރެވިގެން މެނުވީ، ހަރުދަނާ މުޖުތަމަޢެއް ބިނާނުކުރެވޭނޭކަން ދަންނާން ޖެހޭކަން ޚުޠުބާގައި ހަނދާންކޮށްދެމުން ބުނީ، މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ އަހަރެމެންގެ ދަރީން ތަރުބިޔަތުކުރެވޭ ގޮތް ކަމަށެވެ.
”މައިންބަފައިންނާއި ބަލަދުވެރީންނާއި ބެލެނިވެރީން ތުއްތު ކުދީން ގެންގުޅެ ބޮޑުކުރާ އިރު، ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރަށް، އެ ކުދީންގެ މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރާން ދަސްކޮށްދޭން ޖެހޭނެއެވެ. އެ ކުދީންގެ ތިމާގެ މީހުންނަކީ ކޮބައިކަން ބުނެދޭން ޖެހޭނެއެވެ. އެ ކުދީން ރަޙިމުގެ ގޮތުން ގުޅިފައިވަނީ ކޮންބަޔަކާކަން އަންގައިދޭން ޖެހޭނެއެވެ.“ ޚުޠުބާގައި ބުންޏެވެ.
ކޮންމެ އިންސާނަކުމެ މި ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށްވުމާއެކު، އިސްލާމްދީނުގައި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާން އަންގަވާފައިވީނަމަވެސް އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިޔަތު ނުވަތަ އެ ކުއްޖާ ގެންގުޅެ ބޮޑުކުރެވޭ ގޮތަކުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ބުނީ، ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ އަހަރެމެންނަށް ލިބޭ ދަރީން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށްގެން ކަމަށާއި، އެ ކަން ކުރެވޭނީ ތަރުބިޔަތުކުރާން ތިބި ބަޔަކީ، އެ ކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެން ކަމަށެވެ. ޢާއިލާއެއްގައި ނަމަ ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވުންކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
”އަހަރެމެންގެ ދަރީންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެއުލަފާ ޤާބިލު ބަޔަކަށްހެދުމަކީ، އެ ކުދީންނަށްދެވޭ ތަޢުލީމުން އެކަނި ކުރެވޭނޭކަމެއްނޫނެވެ. ތަޢުލީމާ އެކު ތަރުބިޔަތު ވެސް ދޭން ޖެހެއެވެ. ދަރީން ތަރުބިޔަތުކުރުމުގައި އެ ކުދީންނަށް ބޭނުންވާނޭ އެންމެހައި މާއްދީ ކަންތައްތައް ފުރިހަމަކޮށްދިނުމުގެ އިތުރަށް، އެ ކުދީންނަށް ނަސޭހަތްތެރިވެ، އެ ކުދީންނަކީ އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ބައަކަށްހެދުމަށް މަސައްކަތްކުރާން ޖެހޭނެއެވެ. އެއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ޝައްކެއްނެތް ގޮތުގައި، މި ގޮތުން ކުރެވޭ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެންނެވެ.“ ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ބުނީ، މާތް ވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނަށް އިރުޝާދުދެއްވައިފައިވަނީ އެބައިމީހުންގެ ދަރީންނަށް ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދިނުމަށް ކަމަށާއި، ހަމަ އެއާއެކު ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ބާރުއެޅުމަކީ ވެސް މައިންބަފައިންގެ ވާޖިބެއް ކަމަށެވެ.
މައިންބަފައިންނަށް ކިޔަމަންވުމަކީ ވާޖިބުކަމަކަށްވީ ހިނދު، މައިންބަފައިން ކުރާ އަމުރަށް ކިޔަމަންވާން ޖެހޭނީ، اللهއަށް އުރެދެވޭކަމަކަށް އެ މީހުން އަމުރުނުކުރާހައި ހިނދެއްގައިކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، ޚާލިޤުވަންތަ اللهއަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއްނެތް ކަމަށެވެ.



