ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަނެ، ގައުމުގެ ރިޒާވް ވަރުގަދަކުރުމަށާއި މާލީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މި ހަފުތާގައި ބެންކޮކްގައި ބާއްވާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކުގެ ކުރިން ރޮއިޓާސްއަށް ދެއްވި އޮންލައިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގުތައް އުފުލުމުގެ ސަބަބުން މިއަހަރު ހަކަތައިގެ ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ ތިންގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި ސަބްސިޑީގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ކުރިން 7.1 އިންސައްތައިގައި ހިފެހެއްޓުމަށް އަމާޒުހިފި ބަޖެޓް ޑެފިސިޓް 9 އިންސައްތައަށް އަރާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިސްލާހީ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިގުތިސާދު އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭރުގެ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށެވެ.
ހަކަތައިގެ އަގުބޮޑުވުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ އެންމެ 1 އިންސައްތައިގައެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މަދު އަހަރުތަކުގައި އަހަރަކު 300 މިލިއަނާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭއިރު، އެ ފައިސާ މައިގަނޑު ގޮތެއްގައި ހަމަޖައްސާނީ ދައުލަތުގެ އާމްދަނީން ކަމަށެވެ. އަދި އަވަށްޓެހި އިންޑިއާއެކު ހަދާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ މި މަހު ރޯލްއޯވަރު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އަމާޒަކީ އަންނަ އަހަރު އިގުތިސާދީ ދުވެލި 3.8 އިންސައްތައަށް އަދި 2028 ވަނަ އަހަރު 6.8 އިންސައްތައަށް ގެންދިއުމެވެ. އަދި އަމާޒުހިފާފައިވަނީ އިގުތިސާދު ސިންދަފާތުކޮށް، 2028 ގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް 33 އިންސައްތައަށް ފުޅާކުރުމަށާއި ފަތުރުވެރިކަން ވަރުގަދަކޮށް އިގުތިސާދު އަލުން ކޮޅަށް ޖެހުމަށެވެ.
މި އަމާޒުތަކަށް ވާސިލުވުމަށްޓަކައި ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ބޭންކުން 250 މިލިއަން ޑޮލަރު ފޯރުކޮށްދޭނެ އެވެ. އަދި ވޭތުވެދިޔަ މަހު އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނާއެކު 1.5 ބިލިއަން ޑޮލަރުގެ ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ގައުމީ އެއާލައިނަށް އިތުރު މަތިންދާބޯޓު ލީސްކުރުމަށާއި، ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓް ކަމަށްވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުން ހިމެނެ އެވެ. އަދި ރާއްޖެއަށް ދަތުރުތައް އިތުރުކުރުމަށް އެހެން ހަތް އެއާލައިނަކާއެކުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



