- Advertisement -spot_img

ދިވެހި ބަހުގެ ގަވައިދު ފޮތް މިއަހަރު ނޮވެމްބަރަށް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުން: ހީނާ

ދިވެހި ބަހުގެ ގަވައިދު ފޮތް މިއަހަރުގެ ނޮވެމްބަރު މަހު ނެރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ސަގާފަތާއި ދިވެހި ބަހާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ނުވަ ވަނަ ’އަހާ ފޯރަމް‘ ގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ބަހަށް އޮންނަ ލޯބި ކުޑަވެ ބަހުގެ ބޭނުން ނުކުރާތީއާއި ބަސް ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައި އޮތުމަކީ ޤައުމީ ފެންވަރުގައި ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހި ބަސް ދިރުވައި އާލާކުރުމަށް މިނިސްޓްރީންނާއި ދިވެހިބަހުގެ އެކެޑަމީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ކޮންމެ އަހަރަކު ވާހަކަދެއްކުމުގެ މުބާރާތާއި، ލިޔުންތެރިކަމުގެ މުބާރާތްތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތްތައް ބާއްވަމުން އަންނައިރު، މިފަދަ މުބާރާތްތަކުގެ މައިގަނޑު ބޭނުމަކީ ހުނަރުވެރި ކުދިންތަކެއް އުފައްދައި ދިވެހިބަހަށް ލޯބިޖެއްސުމާއި، ބަހުގެ ގަވައިދުތަކާއި އޭގެ މުހިންމުކަން ކުދިންނަށް ދަސްކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ބަހުގެ ގަވައިދު ފޮތެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ ދިހަ އަހަރުވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ހީނާ ވިދާޅުވީ، އެ ފޮތުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތེެރޭގައި މުޅިން ނިންމައި އާންމުކުރުމުގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް