- Advertisement -spot_img

މުދަލަކީ ޤިޔާމަތް ދުވަހު ސުވާލުވެވޭނެ އަމާނާތެއް: ޚުތުބާ

އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން ޤިޔާމަތް ދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތާ މެދު ސުވާލުވެވި ޖަވާބުދާރީވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

”މުދަލަކީ މާތް ﷲގެ ޙައްޤެކެވެ“ މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ބަޔާންކުރި ގޮތުގައި، ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެއްޗެވެ. މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އިއްތިފާގަކުން ނޫން ކަމަށާއި، އެއީ އިލާހީ ޙިކުމަތްފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް މިންވަރުކުރައްވާ ކަމެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ވިސްނަންވީ އެއްކުރެވުނު މުދަލުގެ މިންވަރަށް ވުރެ ބޮޑަށް، އެ އިމްތިޙާނުން ކާމިޔާބީ ހޯދުނުތޯ ކަމަށް ބަޔާންކުރިއެވެ.

މުދާ ހޯދަންވާނީ މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކުގެ ތެރެއިންކަން ފާހަގަކުރަމުން، އިސްލާމްދީން ބާރުއަޅަނީ ތެދުވެރި މަސައްކަތާއި ހުއްދަ ވިޔަފާރި ފަދަ ޙަލާލު ވަސީލަތްތަކުން އާމްދަނީ ހޯދުމަށް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ރިބާ، ރިޝްވަތު، ވައްކަން، މަކަރާއި ޙީލަތް، ޖުވާ، ފޭރުން އަދި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ޙަރާމް ގޮތްތަކުގައި މުދާ ހޯދުމަކީ ހަމައެކަނި މާލީ ކުށެއް ނޫން ކަމަށާއި، އެއީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމުގެ އިންޒާރު ދެއްވިއެވެ.

މީގެއިތުރުން، އަމާނާތެއްގެ ގޮތުގައި ދެއްވާފައިވާ މުދަލުން އަދާކުރަންޖެހޭ ޙައްޤުތަކެއް ވާކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އޭގެ ތެރެއިން އެންމެ އިސްކަންދޭންޖެހޭ ވާޖިބަކީ އަނބިދަރިންނާއި މައިންބަފައިން ހިމެނޭހެން އަމިއްލަ އަހުލުވެރިންނަށް ކުރާ ހޭދަކަމާއި، އޭގެ ފަހުގައި ގާތްތިމާގެ މީހުންނަށާއި ނިކަމެތީންނަށް އެހީތެރިވުން ކަމުގައި ފާހަގަކުރިއެވެ. ހަމައެއާއެކު، މުދާ ޠާހިރުކުރުމަށް ޓަކައި އަހަރަކު އެއްފަހަރު ދެއްކުން ފަރުޟު ކުރައްވާފައިވާ ޒަކާތް އަދާކުރުމަކީ މުދަލުގެ އަސްލު މިލްކުވެރި ފަރާތުގެ އަމާނާތް އަދާކުރުން ކަމަށް ވިދާޅުވިއެވެ.

ޚުތުބާ ނިންމާލަމުން ވަނީ މުދާ އިސްރާފުކުރުމާއި، ބޭނުމެއް ނެތް ތަކެތި ގަނެ ބޭކާރުކޮށްލުމަކީ ވެސް އަމާނާތަށް ވާ ޚިޔާނާތެއްކަން ހަނދާންކޮށްދީފައެވެ. އަދި މުދަލަކީ ޙަލާލު ގޮތުގައި ހޯދައި، ހެޔޮ ގޮތުގައި ހޭދަކުރެވޭ އެއްޗަކަށް ވާ ނަމަ، މުއްސަނދިކަމަކީ ޒުހުދުވެރިކަމާ ފުށުއަރާ ކަމެއް ނޫން ކަމަށް ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް