ހުޅުމާލެއިން މާލެއަށް ކިޔަވަންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން ’ސްކޫލް-ފްރެންޑްލީ‘ ބަސްތަކެއް ތަޢާރަފުކުރުމުގެ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިޔަށްގެންދާ ’އަހާ‘ ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގެ ޓްރެފިކްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ގްރޭޓާ މާލޭ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީހުގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އެ މާލޭގެ ޓްރެފިކްގެ މައްސަލައަށް ބޮޑު ޙައްލެއް ހޯދައިދިނުން ކަމަށެވެ.
އެގޮތުން އެ އޮފީހުން ސްކޫލްތަކުގެ މެނޭޖްމަންޓްތަކާއި، ޕްރިންސިޕަލުން އަދި ބެލެނިވެރިންނާ މަޝްވަރާކޮށްގެން، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން މާލެއަށް ދަތުރުކުރާ ބަސްތަކެއްގެ ޚިދުމަތް ފެށުމުގެ މަޝްވަރާތަކެއް މިހާރު ކުރާކަަން ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 2 އިން ވެލާނާގެ ސަރަހައްދަށާއި ގްރީން ޒޯނަށް ރަސްމީ ވަގުތުތަކުގައި ދަތުރުކުރާ ވަކި ބަސްތަކެއް ތަޢާރަފުކުރުން ވެސް ސަރުކާރުގެ ޕްލޭނުގައި ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި ޕްލޭންގެ ތެރޭގައި ހިމެނޭނެ ހަމަ ފޭސް 2 އިން ވެލާނާގެ ސަރަހައްދަށް ސަރަހައްދަށް އަދި މި ގްރީން ޒޯންއަށް ވަކި ގަޑިތަކެއްގައި ދަތުރުކުރާ ބަސްތަކެއް ތަޢާރަފުކުރުން ވެސް. އަދި އެކިއެކި ސްކޫލްތަކަށް ދަރިވަރުން މި ސްކޫލް މެނޭޖްމަންޓާއި ޕްރިންސިޕަލް އަދި މެނޭޖްމަންޓާ އެއްކޮށް ޕޭރެންޓުންނާ އެކުގައި ވާހަކަ ދައްކައިގެން އަޅުގަނޑުމެން މި ގަސްތުކުރަނީ ސްކޫލްތަކަށް ދަތުރުކުރާ ސްކޫލްތައް ފްރެންޑްލީ ބަސްތަކެއް ހަމަ މި ދަންނަވާހެން ފޭސް ދޭއް އަކާއި ފޭސް އެކަށުން އަދި މާލެއާ ދޭތެރޭގައި ދަތުރުތަކެއް ފައްޓަން” – ދަތުރުފަތުރާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
މިފަދަ ނިޒާމެއް ޤާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ، ވަޒީފާތަކަށާއި އެކި ބޭނުންތަކަށް ވަރަށް ގިނަ އަދަދެއްގެ މީހުން ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ބްރިޖާއި ހައިވޭ މެދުވެރިކޮށް ދަތުރުކުރާތީ ދިމާވާ ތޮއްޖެހުމަށް ޙައްލެއް ހޯދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖާއި ހައިވޭގެ ޖާގަ އިތުރަށް ބޮޑުކުރެވެން ނެތުމާއި، މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާތީ، އެންމެ އެކަށީގެންވާ ޙައްލަކީ މާސް ޓްރާންސްޕޯޓް ނިޒާމު ފުޅާކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ދަތުރުވެރިންނަށް ބޭނުންވާ ރައްކާތެރިކަމާއި ފަސޭހަކަން ކަށަވަރުކޮށްދީގެން ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.



