ދުބާއީން ފުރައިގެން އިޒްރޭލަށް މިދިޔަ ބުދަ ދުވަހު ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި، އެ އެއާލައިންގައި މަސައްކަތްކުރާ ދެ ދިވެއްސަކު ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރޭ ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭގެ ވަގުތެއްގައި ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެއީ ފްލައިދުބާއީގެ ވަޒީފާއާ ވަރަށް ފަހުން ގުޅުނު ދެ މުވައްޒަފުން ކަމަށެވެ.
ނަމަވެސް އެ ދިވެހީންނާ، ފްލައިދުބާއީގެ ފްލައިޓް ވައްޓާލަން އުޅުނު މައްސަލައާ އޮތް ގުޅުމެއް އަދި ޔަގީންނުވާ ކަމަށާއި، އެ މީހުންނަކީ އެއްވެސް ކުށެއް ކުރިކަމަށް ބެލެވޭ ނުވަތަ ކޮން ތުހުމަތެއްގައި ހައްޔަރުކުރި ބައެއްކަން އަދި ސާފުނުވާކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެ މީހުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޔޫއޭއީގެ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ 174 ފަސިންޖަރުންނާއި 8 ކުރޫންނާއެކު ދުބާއީން އިޒްރޭލުގެ ތެލް އަވީވްއަށް ދަތުރުކުރި ފްލައިޓެއްގައެވެ. ފްލައިޓް ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި، ބޯޓުން ފުރަތަމަ 7700 ގެ އިމަޖެންސީ ކޯޑު ފޮނުވުމަށްފަހު، އޭގެ ހަތް މިނެޓު ފަހުން ވަނީ ހައިޖެކްކުރުން ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ހިނގާކަން އަންގައިދޭ 7500 ގެ ކޯޑު ފޮނުވާފައެވެ. އަދި އެއާއެކު ގާތްގަނޑަކަށް 29 ސިކުންތުގެ ކުރު މުއްދަތެއްގެ ތެރޭގައި ބޯޓު ވަނީ 14،000 ފޫޓަށް ތިރިކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުން ބުނެފައިވަނީ، ބޯޓުގެ މިސްރާބު ބަދަލުކޮށް ސައުދީ އަރަބިއްޔާއަށް ޖައްސަން ޖެހުނީ ބޯޓު ހައިޖެކްކޮށްގެން ނޫން ކަމަށާއި، އެއީ އެއްވެސް ސަލާމަތީ ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ، އެއީ ބޯޓު ވައްޓާލުމުގެ ނިޔަތުގައި ކޯޕައިލެޓް ދިން ހަމަލާއެއް ކަމަށާއި އެއީ ޓެރަރިޒަމްގެ ނުރައްކާތެރި އަމަލެއް ކަމަށް ހާމަކޮށްފައެވެ.



