- Advertisement -spot_img

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމްޑަބްލިޔުއެސްސީން ރަސްމީކޮށް ހަވާލުވެއްޖެ

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ އެމްޑަބްލިޔުއެސްސީ އިން ރަސްމީކޮށް ހަވާލުވެ އޮޕަރޭޝަނަލް މަސައްކަތްތައް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެކެވެ. އެމްޑަބްލިޔުއެސްސީން ދެ ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ރަސްމީކޮށް ހަވާލުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ބަދަލާ ގުޅިގެން އެމްޑަބްލިޔުއެސްސީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވަނީ ފްރޭމްވޯކް އެއްބަސްވުމެއް އެކުލަވާލައި ސޮއިކޮށްފައެވެ. އެއާއެކު އައްޑޫގެ ހުޅުދޫ އާއި މީދޫ ހިމެނޭހެން،  ފެނާއި ނަރުދަމާއާ ގުޅުންހުރި އެންމެހައި އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މި ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން ހެދިފައިވާ ފަންނީ އެސެސްމަންޓްތަކަށް ބިނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް