ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އޮކުޓޫބަރު މަހު ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރުންނާއި ސުވާލުކުރުމަށް ކުރިއަށްގެންދާ ”އަހާ“ ފޯރަމުގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް އޮތް ޓްރެކެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މިހާރު އޮތް ދެ ޓްރެކަކީ ދެ ވައްތަރުގެ ދެ ޓްރެކް ކަމަށާއި އެ ގޮތުން މާފަންނު ސްޓޭޑިއަމްގައި އޮތީ ”ސްޕްރޭ ފޯމް“ ވައްތަރުގެ ޓްރެކެއް ކަމަށާއި ހުޅުމާލޭގައި މިހާރު އަޅާފައިވާ އޮތް ޓްރެކަކީ ”ސޭންޑްވިޗް“ ވައްތަރުގެ ޓްރެކެއް ކަމަށް ރާފިއު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ޓްރެކް ހަދަން މި ޖެހެނީ ވޯލްޑް އެތުލެޓިކްސް ގަބޫލުކުރާ ފެންވަރަށް. އަޅުގަނޑުމެންގެ އެތުލީޓުން ނެރޭ ނަތީޖާ ގަބޫލުކުރާ ފެންވަރަށް. ދެން އެގޮތުގެ މަތިން އަޅުގަނޑުމެން ސިންތެޓިކްގެ މެޓީރިއަލް އެއްކޮށް ބަދަލުކޮށް އިރާދަކުރެއްވިއްޔާ މުޅި އެއްކޮށް ބޭސް ނަގާ އަލުން ޓްރެކެއް އަޅަން މި ޖެހެނީ. އަދި އެމަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށިގެން ދާނެ. އަދި އުއްމީދަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލުން ކަމަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ބަދަލުކުރުމަށް ބޭނުންވާ ތަކެތި މިހާރު އޯޑަރު ކޮށްފައިވާ ކަމަށާއި އެ ތަނުގެ ހުރިހާ ތަފުސީލީ ކުރެހުންތަކެއްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.



