ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދ. ގެ މުޢާހަދާތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފެއްދި މިކޯލިޝަނުގައި ރާއްޖޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާއިއެކު ގާތްގުޅުންތައް ބާއްވާ ގިނަ ޤައުމުތަކަކުން ބައިވެރިވެފައިވެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މިކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީގެ އިތުރުން ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



