މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގަވެއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެއާޕޯޓުގައި މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިންގެ ސަގާފީ ހުށަހެޅުމެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނު އެއް ނަންބަރު ޖެޓީގައެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ވެސް ކުރިއަށްދާނެއެވެ.
ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިހްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.
މިމަހުގެ 14 އިން 15 އަށް މެލޭޝިއާގެ ބޮޑުވަޒީރު ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހިމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.



