- Advertisement -spot_img

އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ދެމިތިބުމަށް މައުމޫން އިލްތިމާސްކުރައްވައިފި

އިސްލާމްދީނަކީ ދިވެހި ގައުމުގެ އަސްލުގެ ބިންގާ ކަމަށާއި ފާއިތުވީ 900 އަހަރު ދިވެހިން ތިބިގޮތަށް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވީ ދިވެހީންނަށް އިސްލާމްދީނުގެ ހިޔާދަތު މިންވަރު ކުރެއްވިތާ 900 އަހަރު ފުރުން ފާހަގަކުރައްވާ ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް މައުމޫން ވަނީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެމަނިކުފާނުގެ ނަންފުޅުގައި އަރިސްކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ ހިޖުރީ ގޮތުން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު ރާއްޖެ އިސްލާމްދީން ގަބޫލުކުރި ފަހުން މިއަދަށް 900 އަހަރު ފުރިފައިވާ ކަމަށެވެ. އަދި ދިވެހިންގެ މާޒީގައި ދިވެހިރާއްޖެއަށް ތަފާތު އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވާކަމަށާއި އަދި ދީނަށް އެއްވެސް ލޮޅުމެއް އެރިޔަނުދީ ވަރަށް ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު އެދެނީ ދިވެހިރާއްޖެ މިދިޔަ 900 އަހަރު އޮތް ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ވަފާތެރި، އިސްލާމްދީނަށް ތެދުވެރި، ގައުމެއްގެ ގޮތުގައި ދެމި އޮންނަން. އަޅުގަނޑުމެންގެ ކާބަފައިން މިވޭތުވެދިޔަ 900 އަހަރު ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް. އެއީ ރާއްޖެއަށް ތަފާތު ކަންކަން ދިމާވީ ނަމަވެސް އެބޭފުޅުން އިސްލާމްދީން ދޫކޮށެއް ނުލައްވައި، ދީނަށް ކުޑަ ވެސް ލޮޅުމެއް އަޔަ ނުދެއްވައި، ހަމަ ގަދަފަދަކަމާއެކު ސާބިތުކަމާއެކު އިސްލާމްދީނުގައި ހިފެހެއްޓެވީ،” ރައީސް މައުމޫން

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް