- Advertisement -spot_img

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ޚިދުމަތެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: އެމްޑީ ފަހުމީ

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ނިންމެވުމެއް ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޙަސަން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ، ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމުގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމަކީ ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން އެސްއޯއީތަކަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ނިންމެވުންތަކަކީ ކާރިސާދާރުކަމާއި ޒިންމާދާރުކަން އިތުރުކޮށް، ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ އަދި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ނިންމެވުމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި ޤައުމަށް މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި، އެކަންކަން ތަންފީޒުކުރުމުގެ ސާބިތު އަޒުމު ހުރެގެން ކަމަށް ފާހަގަކުރައްވަމުން، ފަހުމީ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ ސާފު މަޤްޞަދެއްގައި ޤައުމުގެ ޙައްޤުގައި ގެންނަވާފައިވާ އިޞްލާޙީ ނިންމެވުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް