- Advertisement -spot_img

އަމާން ޓަވަރުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ދެނެގަނެ، އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާތައް ފަށައިފިއެވެ.

ފްލެޓްތަކުން ކުދިންނާއި މީހުން ވެއްޓޭ ހާދިސާތައް ތަކުރާރުވަމުންދާތީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ޓަވަރުތަކުގައި އުޅޭ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކުންފުނީގެ އެތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން ހުރިހާ ޔުނިޓެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވީ ނަމަވެސް، އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ ޔުނިޓުތަކަށް އިސްކަން ދީގެން އެ ހިދުމަތްތައް އަވަހަށް ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް