ރ. ދުވާފަރު ކައުންސިލުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާ ބައްދަލުކުރުމަށް މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން، މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ސީނިއަރ މެނޭޖްމަންޓް ޓީމުގެ ބޭފުޅުންނެވެ. އަދި ދުވާފަރު ކައުންސިލް މެންބަރުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަލީ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެމް.ޑަބްލިއު.އެސް.ސީ އިން ދުވާފަރުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ މުހިންމު ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
ދުވާފަރު ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮގަސްޓް 30 އިން ސެޕްޓެމްބަރު 03 ގެ ނިޔަލަށް އެ ކައުންސިލުން މާލެއަށް ކުރަމުންދާ މި ދަތުރަކީ ދުވާފަރުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މުއައްސަސާތަކާ ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރަމުންދާ ރަސްމީ ދަތުރެކެވެ.



