ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށްވުރެ ބޮޑަށް ބުރިޖު މަޝްރޫޢުން ދައްކުވައިދެނީ އިތުބާރާއި ޔަޤީންކަމާއި ދެޤައުމުން ގެންގުޅޭ އުންމީދީ ތަސައްވުރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް މަޝްރޫޢުކަމށްވާ ސިނަމާލެ ބްރިޖަށް 8 އަހަރު ވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިމަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތްރަޙުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށެވެ. ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށްވުރެ ބޮޑަށް ބުރިޖު މަޝްރޫޢުން ދައްކުވައިދެނީ އިތުބާރާއި ޔަޤީންކަމާއި ދެޤައުމުން ގެންގުޅޭ އުންމީދީ ތަސައްވުރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ރައީސް ޝީޖިންޕިންގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެ އިތުރު ފުރުސަތުތައް އަންނަން އޮތް މުސްތަޤުބަލަށް ދެޤައުމުގެ ރައްޔިތުންނަށްޓަކައި ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމަޝްރޫޢަށް 8 އަހަރުފުރޭ މުނާސަބާއާއި ދިމާކޮށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.
ސިނަމާލޭ ބުރިޖު ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 30 ވަނަ ދުވަހުގައެވެ. ސިނަމާލޭ ބުރިޖުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔައިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުންނެވީ އޭރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައެވެ.
ބުރިޖުގެ ދިގުމިނުގައި 1.38 ކިލޯ މީޓަރު ހުރެއެވެ. ބުރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރުފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ 2 ލޭން އަދި ސައިކަލު ދުއްވުމަށް ޚާއްސަ ލޭނެއްވެސް އޮވެއެވެ. ބުރިޖު މަޝްރޫޢަށް ޖުމްލަ 300 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު އޭގެތެރެއިން 100 ލިޔަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 170 މިލިޔަން ޑޮލަރަކީ ލޯނު އެހީއެވެ. މިމަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިޔަން ޑޮލަރުވަނީ ޚަރަދުކޮށްފައެވެ.



