- Advertisement -spot_img

މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތް ﷲ އިންސާނުންނަށް ކުރައްވާފައިވާ މަތިވެރި ވަސިއްޔަތެއް: ޚުތުބާ

މައިންބަފައިންނަށް އޯގާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުމުރުގެ ބަރަކާތް އިތުރުވެގެންދާނެ ކަމެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

މުޖުތަމައުގައި ހުރި ބައެއް ނޭދެވޭ އާދަތަކަށް އަލިއަޅުވާލައި މިއަދު އިއްވި ހުތުބާގައި ވަނީ، މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތް ﷲ އިންސާނުންނަށް ކުރައްވާފައިވާ މަތިވެރި ވަސިއްޔަތެއްކަން ފާހަގަކޮށްފައެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މައިންބަފައިންގެ ރުހުމާއި ހެޔޮ ދުއާއަކީ އިންސާނާ ދިމާވާ އެކިއެކި މުސީބާތްތަކުން ސަލާމަތްކޮށްދޭ މުހިންމު ހަތިޔާރެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުން ފެންނަނީ ހިތާމަވެރި މަންޒަރުތަކެއްކަން ފާހަގަކުރަމުން، މުސްކުޅިވުމުން މައިންބަފައިންނަށް އަޅާނުލައި ދޫކޮށްލާ މީހުން ގިނަވަމުންދާ ކަމަށް ބުނެފައިވެއެވެ. ހޮސްޕިޓަލުތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކުގައި މައިންބަފައިން އެކަނިވެރި ހާލުގައި ބައިތިއްބައި، އަމިއްލަ އަނބިދަރިންނާއެކު އުފަލުގައި އުޅޭ މީހުންނަށް ހުތުބާގައި ވަނީ އިންޒާރު ދީފައެވެ. އެގޮތުން، މަރުގެ ސަކަރާތް ކުރިމަތިވާ ހިނދު އެފަދަ މީހުންނަށް ސަލާމަތްތެރިކަމެއް ނޯންނާނެކަން ހަނދާންކޮށްދީފައިވެއެވެ.

މައިންބަފައިންނަށް އިހުމާލުވުމުގެ އިތުރުން، މުޖުތަމައުގައި ހުރި އެހެން ބައެއް ނޭދެވޭ މައްސަލަތަކަށްވެސް ހުތުބާގައި ބަލައިލާފައިވެއެވެ. އޭގެ ތެރޭގައި މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި މަކަރު ހެދުމާއި، ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅުމުގައި މަސްއޫލުވެ އުޅުން ހިމެނެއެވެ. އިޖުތިމާއީ އަދި އަހުލާގީ ގޮތުން މުޖުތަމައު ފަސާދަވަނީ މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިނުވެ، އެކަލާނގެ ހަނދުމަކުރުން ދޫކޮށްލުމުން ކަމަށް ހުތުބާގައި ބުންޏެވެ.

މިފަދަ ނޭދެވޭ ކަންކަމުން މުޖުތަމައު ސަލާމަތްކޮށް، އިސްލާހީ މަގަށް ރުޖޫއަވުމަކީ ފަރުދީ އަދި އިޖުތިމާއީ ޒިންމާއެއްކަން ފާހަގަކުރަމުން، އެންމެހާ މުސްލިމުންނަށް ހެޔޮ ވިސްނުން ދެއްވުން އެދި މިއަދުގެ ހުތުބާ ނިންމާލާފައިވަނީ މާތް ﷲގެ ހަޟްރަތަށް ދުއާ ދަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް