ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފޯރުކޮށްދޭ ރިހެބިލިޓޭޝަން އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ޗައިނާގެ ޔުނާން ޔުނިވަރސިޓީއާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވަނީ، މި ފަހުމުނާމާއަކީ މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސް ބޭނުންކުރުމާ ގުޅޭގޮތުންނާއި އަދި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެމްއޯޔޫ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އޭއައި ބޭނުންކޮށްގެން ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މައްޗަށް ކަމަށާއި، މި މަޝްރޫއުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީގައި ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.
މި އެމްއޯޔޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނީ މި މަސައްކަތުގެ ތެރެއިން ދިވެހިންނާ ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ހޯދުމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެންޑީއޭއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުން ކަމަށެވެ. އަދި މި ފަހުމުނާމާގެ ދަށުން އެންޑީއޭގެ މުވައްޒަފުންނަށް އިތުރު ތަމްރީނާ ތަޖުރިބާ ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އެންޑީއޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ ޗެއާޕާސަން އަހްމަދު ސިއްދީޤުއެވެ.
މި ރަސްމިއްޔާތުގައިހޯމް މިނިސްޓަރު އަލީ އިހްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



