- Advertisement -spot_img

ސެޓެލައިޓް އުފައްދާ ބައިނަލްއަގުވާމީ މިޝަނުން ދިވެއްސަކަށް ފުރުސަތު ލިބިއްޖެ

އަންހެން ކުދިން ސެޓެލައިޓް އުފެއްދުމުގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖައްވީ ހަރަކާތް ކަމަށްވާ ”މިޝަން ޝަކްތީސެޓް“ ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރަކު ހޯދައިފިއެވެ.

މި ޝަރަފުވެރި ފުރުސަތު ހޯދާފައިވަނީ ސައިންސާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ދާއިރާއަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަމުން އަންނަ އާމިނަތު ނޯޔާ ސަމީހެވެ. މިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ވިމެން އިން މެނޭޖްމަންޓް (ވިމް) ގެ ރާއްޖޭގެ ގޮފިން ނެރުނު ބަޔާނެއްގައެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، މި މަހު އިންޑިއާގެ ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު މިޝަންގެ ދެވަނަ ފިޔަވަހީގައި ރާއްޖެ ތަމްސީލުކުރުމަށް ނޯޔާ ހޮވުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.

”މިޝަން ޝަކްތީސެޓް“ އަކީ ’ސްޕޭސް ކިޑްޒް އިންޑިއާ‘ އިން އިސްނަގައިގެން ކުރިއަށްގެންދާ، މުޅިން ވެސް އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގާ ދުނިޔޭގެ އެންމެ ބޮޑު ޖައްވީ މަޝްރޫއެވެ.

ދުނިޔޭގެ 108 ގައުމަކުން 12،000 އަށްވުރެ ގިނަ އަންހެން ކުދިން ބައިވެރިވާ މި ޕްރޮގްރާމްގެ ދަށުން، ހަނދުގެ އޯބިޓަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ސެޓެލައިޓެއް ފަރުމާކޮށް، ބިނާކޮށް، އަދި އުދުއްސާލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިން އަދި ހިސާބު ފަދަ ދާއިރާތަކުން ޒުވާން އަންހެން ކުދިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާތަކުން އާ ހުނަރުތައް ދަސްކޮށްދިނުމެވެ. މި ހަރަކާތުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޒުވާން ސައިންސްވެރިންނާ ބައްދަލުވެ، ޖައްވީ ސައިންސާއި ސެޓެލައިޓް ޓެކްނޮލޮޖީގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ނޯޔާއަށް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް