މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުގައި އިންޑިޔާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު ނަގައިގެން ފެށި މަޝްރޫއު ނިންމުމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޯންސް ކުންފުނިން އެކިފަހަރު ދެމުން އަންނަނީ އެކި މުހުލަތެވެ. މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ދުވެލި ހަލުއިކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓަށް ކުރީ ސަރުކާރުން އިތުރުކުރިއެވެ.
ނަމަވެސް އެކަށީގެންވާ ދުވެލީގައި އެ މަޝްރޫއުގެ މަސައްކަތް ނުދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ކުރިން އޮތީ މި އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލުމަށްފަހު 2027 ވަނަ އަހަރު ނިމުމުގެ ކުރިން ގުޅިފަޅާއި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތް ނިންމާ ގޮތަށެވެ.
ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ހަމަޖެހި ފެށުނު މަޝްރޫއުއެއް ނަމަވެސް ދެ އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.
“އަޅުގަނޑުމެންނަށް މި މަޝްރޫއުގެ މަސައްކަތް ކުރަން ހަވާލުވެގެންދިޔައިރު, މާލެއާ ވިލިގިއްޔާ ދޭތެރޭ މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭ ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ [ކުރެވިފައި] ތަނބުތަކެއް ޖެހި އެކަހަލަ ކަންތައްތަކެއްވެސް ކުރެވިފައެއް ނެތް,”
ރައީސް ވިދާޅުވީ މިއީ މި ސަރުކާރުގައި ސުމަކުން ފެށި މަޝްރޫއުއެކޭ ވެސް ދެންނެވިދާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވީއެންމެ އަވަހަކަށް އެ މަޝްރޫއު ނިންމަން ކަމަށާ އެކަމަށް އިންޑިއާ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ދެ ޤައުމުގެ މެދުގައި އޮތް ޚާއްސަ ގުޅުމާއެކު ތިލަމާލެ ބްރިޖް މަޝްރޫޢު ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



