- Advertisement -spot_img

އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެމަޖެންސީ ލޯނެއް ދީފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދައިދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ’އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް‘ ގެ ދަށުން 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފިއެވެ.

މި ފައިސާ ބޭނުންކުރާނީ ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށާއި، އަތޮޅުތެރޭގެ ދަތުރުފަތުރާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ހޯދުމަށެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 އިންސައްތައަކީ ޑީސަލެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ސަރުކާރުން ކުރާ ހޭދަ ކުރިން މަހަކު 50 މިލިއަން ޑޮލަރުގައި ހުރެފައި މިހާރު ވަނީ 116 މިލިއަން ޑޮލަރަށް (110 އިންސައްތަ) އިތުރުވެފައެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ދުވާލަކު 8،000 ފީފާގެ ޑީސަލް ބޭނުންވާއިރު، މިދިޔަ އަހަރު އެކަނިވެސް ތެޔޮ ގަތުމަށް 10 ބިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާ ވަނީ ހޭދަވެފައެވެ.

އޭޑީބީގެ 50 މިލިއަން ޑޮލަރުގެ އިތުރުން، ވޯލްޑް ބޭންކުން މެއި މަހު ދިން 40 މިލިއަން ޑޮލަރުގެ އެހީއާއެކު، ތެޔޮ ގަތުމަށް ބޭރުގެ އިދާރާތަކުން ލިބުނު އެހީގެ ޖުމްލަ ވަނީ 90 މިލިއަން ޑޮލަރަށް އަރައިފައެވެ.

ގުޅުންހުރި ލިޔުންތައް