މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅިގެން ވިޔަފާރިވެރިންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިއްޔެ މީރުމާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން، އެމްޕީއެލްގެ ފަރާތުން ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޕީއެލް އިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް، މަޝްރޫޢުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމުގައިވާ ވިޔަފާރިވެރިންނާ ހިއްސާކުރުން ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި ’އެފިޝިއަންޓް‘ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭ މުހިއްމު ކަންކަން ހިއްސާކުރައްވާފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުުރުމާއި ގުޅިގެން، އެ ކުންފުނިން ދަނީ ސިލްސިލާކޮށް ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް މަޝްވަރާކުރަމުން ކަމަށެވެ.
އެގޮތުން މިހާތަނަށް ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، މީޑިއާ އަދި މަޖޫރީންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ރޭވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެއް ކަމަށެވެ. ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. އެގޮތުން، މި ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު، މިހާރު ބަނދަރަށް ދިމާވެފައި މައްސަލަތައް ހައްލުކުރެވޭނެ މުހިންމު ތަނަކަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ”ސްޓޭޓް-އޮފް-ދި-އާޓް“ މަލްޓި-ޕާޕަސް ބަނދަރެއް ޤާއިމުކުރުމެވެ. މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި އެމްޕީއެލްގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީީ ދެއްވާފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.



