- Advertisement -spot_img

ވައިގަދަވެ މާފުށީ ބޭރުގައި ފްލޯޓިން ބާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސަފާރީއެއް ފުނޑުފުނޑުވެއްޖެ

ކ. މާފުށީ ބޭރުގައި ފްލޯޓިން ބާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސަފާރީއެއް މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ނަގިލި ކަހާލައިގެން ގޮސް، އެ ރަށު ބަނދަރު ސަރަހައްދަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ.

މިއަދު ހެނދުނު 9:30 ހާއިރު ހިނގި މި ހާދިސާގައި އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ އުޅަނދު އެއްގަމަށް ލައްވާން ފެށުމާއެކު މޫދަށް ފުންމާލައިގެން ނުރައްކަލުން ސަލާމަތްވެފައެވެ.

ރަސްމީ އިދާރާތަކުން އުޅަނދުގައި ތިބި މީހުންގެ ސީދާ އަދަދު އަދި ހާމަނުކުރި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. ބޮޑެތި ރާޅުތަކާއެކު ސަފާރީގެ ބައިތައް ފަޅުތެރެއަށް އެޅިފައިވާތީ، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން އިންތިހާއަށް ގޯސް ދުވަސްވަރެއް ކަމުން، ފާއިތުވި ތިން ދުވަހު ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ވަނީ ވަރަށް ގަދަވެފައެވެ.

މޫސުމީ މި ނުރައްކާތެރި ޙާލަތުގެ ސަބަބުން ނުރައްކާތެރި އިތުރު ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. އެގޮތުން، މި ދިޔަ ހަފުތާގެ ތެރޭގައި މާފުށީގައި ޕެރާސެއިލިންގ ހަރަކާތެއް ކުރިއަށްދަނިކޮށް، ގަދަވައިގެ ސަބަބުން ވާގަނޑު ކެނޑި، ޕެރާސޫޓް ވައިގެ ތެރޭގައި ވީދިގެން ގޮސް ޒިޕްލައިން އޮންނަ ސަރަހައްދަށް ވެއްޓުނު ނުރައްކާތެރި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މެޓް އޮފީހުން ފުލުފުލުގައި މޫސުމީ ސަމާލުތައް ނެރެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ހިންގާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ

ގުޅުންހުރި ލިޔުންތައް