- Advertisement -spot_img

ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވޭ ފަދަ ހުރަސްތަކެއް ހުރުމުން، ރެޔާއި ދުވާލު އަދި ތަފާތު މޫސުންތަކުގައި ފަތުރުވެރިން އުފުލޭނެ ގޮތް ހެދުމަށްޓަކައި ރާއްޖޭގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް އަންނަންޖެހެއެވެ. މިކަމަށް ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާއިރު، އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކުގެ ދަށުން އެއަރ އޮޕަރޭޓަރ ސެޓްފިކެޓް (އޭއޯސީ) ހޯދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މައިގަނޑު ބޭނުމަކީ ފަތުރުވެރިން އުފުލުމުގެ އިތުރުން ސާރޗް އެންޑް ރެސްކިއު އަދި އެމަޖެންސީ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދިނުމާއި ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު، ކޮންމެ މަހަކު ހިލޭ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދިނުމެވެ.

އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އެންމެ ލަސްވެގެން 2027 ނޮވެމްބަރު 1 ގެ ކުރިން ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު މި ޚިދުމަތް ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް