- Advertisement -spot_img

ބީއެމްއެލްގެ މުވައްޒަފުންނަށް ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް ޕާޓްނާޝިޕެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކެޑަމީން މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށްޓަކައި، އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ބޭންކުގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމެވެ. މިގޮތުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑާޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް މި އެއްބަސްވުމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

މި ފަހުމުނާމާގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވާސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކުގެ މުވައްޒަފުންނަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ. މީގެ ތެރޭގައި އެގްޒެކެޓިވް އެޑިއުކޭޝަނާއި، ޕްރޮފެޝަނަލް ސެޓިފިކޭޝަންގެ އިތުރުން މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ހިމެނޭކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.

ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ ޚާއްސަ އެކެޑަމީއެކެވެ. މީގެ ކުރިންވެސް މި އެކެޑަމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް އަދި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ ފަދަ ދުނިޔޭގެ ފާހަގަކޮށްލެވޭ މުއައްސަސާތަކާއެކު އެއްބަސްވުންތައް ގާއިމުކޮށްފައެވެ. ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި އެ އެކެޑަމީން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް