- Advertisement -spot_img

ރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް

ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގައި ޗައިނާއަކީ ވަރަށް ބޮޑަށް އިތުބާރުކުރެވޭ ގާތް ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ދުނިޔޭގެ ހުރިހާ ޤައުމަކާ އެކުވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމާއި، އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި ޗައިނާއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، އެ ޤައުމަކީ ރާއްޖެއަށް ވަރަށް މުހިންމު އަދި އިތުބާރުކުރެވޭ ބައިވެރިއެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ އެއްވެސް ޒަމާނެއްގައި މުޅިން ޙައްލުކުރެވިފައިވާ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢުގެ ސަބަބުން މިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ބެލެވޭއިރު، މިހާރު ކުރިއަށްދަނީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ މަރުހަލާތަކެވެ.

ރާއްޖޭގެ ތަރައްޤީގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ ސަބަބުން، އެ ޤައުމާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޗައިނާ ކޮންޓްރެކްޓަރުން މާލެ އައިސް މަސައްކަތް ފެށުމާއެކު، އެއްވެސް މެދުކެނޑުމެއްނެތި މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ސަރުކާރުގެ ފަރާތުން ފުރިހަމަޔަށް ދެއްވާނެކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް