- Advertisement -spot_img

އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާކުރުމަށް “އިތާ” ޕޯޓަލް އިފްތިތާޙުކޮށްފި

ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ”އިތާ“ ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ސިއްހަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ގީލާ އަލީ އެވެ.

އެ ވުޒާރާއިން ބުނީ  ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަޢާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުން ކަމަށާއި، މީގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނޭ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ”އިތާ“ ޕޯޓަލަކީ ”މޯލްޑިވްސް 2.0“ މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

އެ ވުޒާރާއިން ބުނީ ”އިތާ“ ޕޯޓަލްއާއެކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) ގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން ވެސް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އިތާ ޕޯޓަލްގެ ސަބަބުން ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ހާލަތު ރަގަޅުކުރުމަށްޓަކައި މި ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމާއި، އިޖުތިމާޢީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދެވޭ އިބަމަ ޕްރޮގްރާމުގެ މަސައްކަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް، ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް