- Advertisement -spot_img

ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުން ޗުއްޓީއަށް

މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ދަރިވަރުންގެ ޗުއްޓީ މިއަދު ފެށިއްޖެއެވެ.

ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތްތައް މިއަދު ހުރިހާ ދަރިވަރުންނާ ހަވާލުކޮށްފައިވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. އެހެންކަމުން، މި ބަންދުގައި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ގައި ނިމޭނެއެވެ. އަދި ދަރިވަރުންގެ ބޮޑު ޗުއްޓީ ޑިސެންބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 12 އާ ހަމައަށް ދެމިގެންދާއިރު، ބޮޑު ޗުއްޓީގެ ގޮތުގައި ޖުމްލަ 25 ދުވަސް ދަރިވަރުންނަށް ލިބޭނެއެވެ.

މި ދިރާސީ އަހަރު ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. މީގެ ތެރޭގައި އަލަށް ގްރޭޑް 1 އަށް ވަނުމަށް 4,790 ދަރިވަރުންނަށް ޖާގަ ދީފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލްތަކުން 1,748 ދަރިވަރުންނަށް އަދި އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރުންނަށް ގްރޭޑް 1 އިން ފުރުސަތު ދީފައިވެއެވެ.

މި އަހަރުގެ ދިރާސީ އަހަރާއެކު، ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ވަނީ ދާއިމީ އާ ސްކޫލެއް ހުޅުވާފައެވެ. ގްރޭޑް 1 އިން 10 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލަކީ 1,900 އަށްވުރެ ގިނަ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

ގުޅުންހުރި ލިޔުންތައް