ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތާ ދޭން ފެށިފަހުން މިހާތަނަށް 3800 އަށްވުރެ ގިނަ ފަރާތުން އެ ޚިދުމަތާ ގުޅިފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވަހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިޔަފާރިތަކަށް ވަރަށް ގިނަ ދަތިތަކެއް މީގެކުރިން ހުރިކަމަށެވެ. އޭގެތެރެއިން އެއް ދައްޗަކީ ފައިސާ ދައްކާ ރާއްޖެއިން ބޭރުން ފައިސާ ލިބުމުގައި ހުރި ދަތިތައްކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަންކަމަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަކީ މިގޮތުން ފެށިގެންދިޔަ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރީ މިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހުއެވެ. ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާޢަރްފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލްއާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްތިޞާދުތަކުގެ ލިސްޓުގައެވެ.



