- Advertisement -spot_img

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމުން މިހާތަނަށް 287 މީހުން ތަމްރީނުވެއްޖެ

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމުން މިހާތަނަށް 287 ބޭފުޅުން ތަމްރީނުކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

ޔޫ.އެން.އޯ.ޑީ.ސީ (UNODC)ގެ އެހީތެރިކަމާއެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ކުރިއަށްގެންދިޔަ 11ވަނަ ”ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް“ ނިންމައި ބައިވެރިންނަށް ހަދާނީ ލިޔުން ދީފައިވަނީ މި މަހުގެ 9ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޞިއްދީޤު ވިދާޅުވީ ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުންދާ ޑީޖޭޖޭ އިން 2022ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމުން މިހާތަނަށް ޖުމްލަ 287 ފަރާތެއް ތަމްރީނުކުރެވިފައިވާ ކަމަށެވެ.

ސްޓޭޓް ވަނީ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންދިޔުމުގަ ޔޫ.އެން.އޯ.ޑީ.ސީން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

މި މަހުގެ 05ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މި ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމެވެ.

11 ވަނަ ”ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް“ގައި 29 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް