ލޯންޗެއްގައި ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ދޯނި ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ ލީޖަންގެ ލޯންޗުގައި ޖެހި އެކްސިޑެންޓްވި އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާތީ، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދިނުމަށް ޖުމުލަ 5 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވެ އެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.



