ޕޮލިސް ބޯޑަށް އާއްމު ރައްޔިތުމްގެ ތެރެއިން އައްޔަނުކުރާ ދެ ފަރާތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޕޮލިސް ބޯޑަށް މުހައްމަދު ޞާދިގު އާއި އަހްމަދު މިޒްމާދު އައްޔަންކުރެއްވުމަށް ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެޑައިގަތް ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.
ޕޮލިސް ބޯޑަށް އާންމުންގެތެރެއިން އައްޔަންކުރާ މެންބަރުކަމަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު ދެ މެންބަރުންގެ ނަންފުޅު ވަނީ ފާސްކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ދެ މެންބަރުން ކަނޑައަޅުއްވަން ޖެހެއެވެ. އެ މަގާމުތަކަށް އައްޔަން ކުރައްވާ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.
ޕޮލިސް ބޯޑަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ބޯޑެކެވެ. އެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާއްމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންނެވެ.