- Advertisement -spot_img

މޭރީ މަރައިލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް މަރައިލިކަން، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ސާބިތުވެއްޖެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ މާވިންގެ އިތުރުން އޭނާގެ ލޯބިވެރިޔާ / އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހަލީމަތު ލަމްހާގެ މައްޗަށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ވަނީ އޮކްޓޫބަރު 19، 2021 ގައި މޭރީ އަދި މާވިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގައި މޭރީއަށް ހަމަލާދީގެން މަރާލާފައިވާ ކަމަށެވެ. މާވިން މަސައްކަތް ކޮށްފައި ވަނީ މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެންކަން ދެއްކުމަށެވެ. އެ ކުށުގައި މާވިންއަށް އެހީތެރިވި ކަމުގެ ތުހުމަތު އޮތީ ލަމްހާ އަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ހުކުމްކުރުމަށް ތާވަލުކޮށްފައިވާއިރު، އެންމެ ފުރަތަމަ ހުކުމް އިއްވީ މާވިންގެ މައްޗަށެވެ. ހުކުމުގައި ބުނެފައި ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް، މޭރީ މަރައިލިކަން މާވިންގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.

މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކީ ދޮގު ވާހަކަތަކެއްކަން ސާބިތުވާ ކަމަށާއި، މޭރީގެ ނިއްކުރިންނާއި ބޮލުންނާއި ވައަތުގެ ކަންފަތް ކައިރިން ޒަހަމްތަކެއް ފެނިފައިވާ ކަމަށް ހުކުމުގައި ބުންޏެވެ. އަދި އަނިޔާއިން ސަލާމަތްވުމަށް މާވިންގެ ގައިގައި މޭރީ ވަކިއަޅާފައި ހުރިކަން އެނގޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

އަދި މާވިން އާއި ލަމްހާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި، އެ ގުޅުމަށް އޮތް ހުރަހަކީ މާވިން ކައިވެނިކޮށްގެން ހުރުން ކަމަށް އެ ދެމެދުގައި ދައްކާފައި ހުރި ވާހަކަތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

މާވިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އަދަބު ކަނޑައެޅުން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެގޮތަށް ނިންމީ މާވިންގެ ފަރާތުން އެދުމުންނެވެ.

މި މައްސަލައިގައި މިހާރު ދަނީ ލަމްހާގެ މައްޗަށް ހުކުމް އިއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް