spot_img

ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޕީއެންސީގެ ސުހާއަށް ރައީސްގެ މަރުޙަބާ

ދ. މީދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޙިއްޞާކުރެއްވި ބަޔާނެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ކާމިޔާބީ ހޯއްދެވި ސުހާ އިބްރާހީމަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މީގެ އިތުރުން، އެ ދާއިރާގެ ރައްޔިތުން ސަރުކާރު ހިންގާ ޕާޓީއަށް ކުރެއްވި އިތުބާރަށްޓަކައި ވޯޓު ދެއްވި އެންމެހައި ފަރާތްތަކަށާއި، މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މި އިންތިޚާބުގައި ޖުމްލަ 985 މީހުން ވޯޓުލާފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ. އެގޮތުން ސުހާ އިބްރާހީމަށް 529 ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގެންފައިވަނީ 449 ވޯޓެވެ. މިއީ މައިގަނޑު ދެ ކެންޑިޑޭޓުންގެ މެދުގައި ފެނިގެންދިޔަ ވަރަށް ވާދަވެރި އިންތިޚާބެއްކަން ވޯޓުގެ ނަތީޖާއިން ހާމަވެއެވެ.

މި މަޤާމަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިމާވި ޚާއްޞަ ޙާލަތަކާ ގުޅިގެންނެވެ. އެފަހަރު ދ. މީދޫ 2 ނަންބަރު ވޯޓު ފޮށީގެ ކަރުދާހެއް ޞައްޙަކަމަށް ކޯޓުން ކަނޑައަޅައި ޙުކުމްކުރުމާ ގުޅިގެން، ކައުންސިލް ރައީސްކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ ޢަދަދު ވަނީ އެއްވަރުވެފައެވެ. ޤާނޫނީ ގޮތުން މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާ އުޞޫލުގެ މަތިން، އިތުރު ބުރެއް ބާއްވައިގެން ރައްޔިތުންގެ ގާތުން އަލުން ގޮތެއް ނިންމަން ޖެހުނީ މި ސަބަބަށްޓަކައެވެ.

spot_img

ގުޅުންހުރި ލިޔުންތައް