ކޮރަޕްޝަން ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށާއި، އިދާރީ ނިޒާމު ހަރުދަނާކޮށްގެން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުން ހުއްޓުވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ މުވައްޒަފުން ހިފަހައްޓަންޖެހޭ މަސައްކަތުގެ އަޚުލާގުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ގައުމުގެ ސިޔާސީ މަސްރަހާއި ފިކުރު ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަ ނަމަވެސް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސަކީ ސިވިލް ސާވަންޓުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑެތި މާލީ ކޮރަޕްޝަންތަކަށް ގިނަ ފަހަރަށް މަގުފަހިވެގެންދަނީ އިދާރީ ނިޒާމުގެ ތެރެއިން ހިންގޭ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، އިދާރީ ގޮތުން ކަންކަން ހަރުދަނާކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަކީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ފުރުސަތުތައް ބަންދުކުރެވޭނެ ކަމެއްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. ދިވެހިރާއްޖެއަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް ކޮންމެ ފަނަރަ ރައްޔިތަކަށް ސިވިލް ސާވިސްގެ އެއް މުވައްޒަފަކު ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން، ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުންނާއެކު ޖުމްލަ ފަސްތިރީސް ހާސް މުވައްޒަފުން މިވަގުތު ވެސް ސިވިލް ސާވިސްގައި ހަރަކާތްތެރިވަމުންދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ދައުލަތުގެ އޮފީސްތައް ހެދުމަށްޓަކައި، ކޮރަޕްޝަނާ ދެކޮޅަށް އާ އަޒުމެއް ކަނޑައެޅުމަށް މުޅި ސިވިލް ސާވިސްގެ އާއިލާއަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.



