- Advertisement -spot_img

ޖަޕާނު ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޝިގާމީ ރުމިކޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޖަޕާނުގެ ސަފީރު ވަނީ، ދިވެހިރާއްޖެއާ، ޖަޕާނާ ދެމެދުގައިވާ ޒަމާންވީ، ބަދަހި ގުޅުން ކުރިޔަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމަ މިޔާއެކު، ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60އަހަރު ފުރުން، ކުރިޔަށް އޮތްއަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން ދާއިރު، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް، ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެޔަށް، ދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރައްވަމުން، މީހުން ބިނާކުރުމާ، ޢުމުރާނީ ތަރައްގީއާއި، ތަޢުލީމާ، ކުޅިވަރު ކުރިއެރުވުމާ، މޫސުމަށް އަންނަ ބަދަލުތަކާ، ކާރިސާ މެނޭޖްކުރުމުގެ އިތުރުން އިޖުތިމާޢީ ގުޅުންތައް ތަރައްގީ ކުރުމުގެ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އުފެދެމުންދާ ގުޅުމަށް މަރުޙަބާ ވިދާޅުވެ، ފަތުރުވެރިކަމާ، އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ދެބޭފުޅުންވެސް ވަނީ، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއަށް އޮތް ތާނގައިވެސް، އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް