- Advertisement -spot_img

ރައީސްގެ މާލީ ސިޔާސަތު ދުނިޔެ ބަލައިގެންފި: ޒަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގެނައި ބަދަލުތައް ދުނިޔެ ބަލައިގެންފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މޫސާ ޒަމީރު މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފުރަތަމަ ފަހަރަށް ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުކަމުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވީ ސަރުކާރާ މެދު ހުރި ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ޒަމީރު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ޑރ. މުއިއްޒާ އެކު ހުންނަވާނެ ކަމަށާއި ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ކަމެއްގައި އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

ޒަމީރު ވިދާޅުވީ އިގްތިސާދީ ދަތިތަކާއި މެދުއިރުމަތީގައި ހިގަމުންދާ ހަނގުރާމައާއި ގުޅިގެން ހުރި ދަތިތަކުގެ ތެރެއިންވެސް ރައީސް މުއިއްޒުގެ ސަރުކާރުން ރަނގަޅު މާލީ ސިޔާސަތުތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ — ފިޗް އިން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”އެހެންވެ މިދަންނަވަނީ މިވެރިކަމުގައި ރާއްޖެއަށް ގެނެސްފައިވާ އިގްތިސާދީ ބަދަލުތައް ދުނިޔެއިން ބަލައިގެންފިއޭ،“ ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ދަރަނި ނުދައްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްތަކުން ދަރަނި ދައްކާކަން އެނގޭ ކަމަށާއި އެހެންވެ ވިޔާނުދާ ތުހުމަތުތަކަށް ރައްދު ދިނުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ގައުމުތަކުގައި ހިދުމަތާއި ތަކެތީގެ އަގު ބޮޑުވަމުންދާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެފަދަ ކަންކަމުގައި ބުރައެއް ނުޖައްސައި އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް ރައީސް މުއިއްޒު އަބަދުވެސް އަންގަވާ ކަމަށެވެ. ރައީސް އަންގަވަމުންދާ ގޮތަށް އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމުން ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް