ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ، އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަމްއާންގެ މައްޗަށް މި ތިން ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި ކޯޓުން ވަނީ މި ތިން ދައުވާއާ ގުޅިގެން ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.
އެގޮތުން މަނީ ލޯންޑްރިންގެ ދައުވާގެ ދައުވާއާ ގުޅިގެން 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން 2 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ޝަމްއާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވި ހުކުމުގައި ބުނެފައިވަނީ، ބިދޭސީއެއްގެ އަތުން ފޭރިގަނެފައިވާ ކަމަށާއި އެކަމުގައި ޝަމްއާން ބައިވެރިވެފައިވާ ކަމަށެވެ. އަދި ޝަމްއާންގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތެއްގައި ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ. އަދި ބިދޭސީ މީހާ އަތުން ފޭރިގަނެގެން ހޯދި ފައިސާ ބަލައިގަނެ ޝަމްއާންގެ އަތުގައި ބަހައްޓާފައިވާ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ފުލުހުން މި މައްސަލައިގައި މީގެކުއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
މީގެއިތުރުން ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ.



