- Advertisement -spot_img

ޝަމްއާންގެ މައްޗަށް އުފުލާފައިވާ 3 ދައުވާވެސް ސާބިތުވާކަމަށް ކަނޑައަޅައިފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު މައްސަލާގައި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާވެސް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިޙްސާން ކުރެއްވި ޙުކުމުގައިވަނީ، ޝަމްއާންގެ މައްޗަށް އުފުލާފައިވާ ފޭރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގްގެ ދައުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލައަކީ އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން ހިފެހެއްޓި ބިދޭސީއެއްގެ އަތުން 530,000 ރުފިޔާ ފޭރުނު މައްސަލައެކެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެ ބިދޭސީމީހާ ޑިޓެންޝަނުން ދޫކޮށްލީ ޝަމްއާންގެ ސީދާ އެންގުމަކަށެވެ. އަދި އޭނާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ މުވައްޒަފުން އޭނާ ކާރަކަށް އަރުވައިގެން ގޮސް، ބިރުދައްކައި ފައިސާތައް އަތުލުމަށްފަހު ރާއްޖެއިން ފުރައިގެން ދިއުމަށް މަޖުބޫރުކުރުވި ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ޝަރީއަތުގައި ހާމަވި ގޮތުގައި، އެ ފައިސާ ހިފައިގެން މުވައްޒަފުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށެވެ. އެގޮތުން 400,000 ރުފިޔާ ޝަމްއާން އަތަށް ދީފައިވާ ކަމަށާއި، ހަމަ އެ ދުވަހު އޭނާގެ ނަމުގައި އޮތް ދެ ލޯނަކަށް ފައިސާ ދައްކާފައިވާކަން ހެކިތަކުން ދައްކައެވެ.

ޝަމްއާންގެ ފަރާތުން މި ދައުވާތަކަށް އިންކާރުކޮށް ބުނެފައިވަނީ، މިއީ އޭނާގެ ދަށުން މަސައްކަތްކުރި އަހުމަދު ލައްސާން ނަމަކަށް ކިޔާ މުވައްޒަފަކު ސިޔާސީ ގޮތުންނާއި ޒާތީ ގޮތުން އޭނާ ފްރޭމްކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި އޭނާގެ ގެއަށް ގެންދިޔަ ކޮތަޅުގައި އޮތީ ”ސޭންޑްވިޗެއް“ ކަމަށްވެސް ދިފާއުން ބުނެފައިވެއެވެ. ލޯނަށް ދެއްކި ފައިސާއަކީ ބައްޕަގެ ފަރާތުން ލިބުނު ފައިސާ ކަމަށާއި، ގެއިން ފެނުނު 10,000 ޑޮލަރަކީ ކާރެއް ވިއްކާލައިގެން ލިބުނު ފައިސާ ކަމަށްވެސް ޝަމްއާން ބުނެފައިވެއެވެ.

ނަމަވެސް، ގާޒީ އިޙްސާން ވިދާޅުވީ ބިދޭސީމީހާއަށް ބިރުދައްކައި ފައިސާ ފޭރުނީ ޝަމްއާންގެ އިރުޝާދުގެ ދަށުން ”ރިއަލް ޓައިމް“ ކޮށްކަން ހެކިތަކުންނާއި މިކަމުގައި ބައިވެރިވި އެހެން މީހުންގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.

ދައުލަތުގެ ވަކީލުން ވަނީ ޝަމްއާނަކީ ދައުލަތުގެ މުއައްސަސާއެއްގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުރި މީހަކަށް ވާތީ، މިއީ އަދަބު މަތިވާންޖެހޭ ހާލަތެއް ކަމަށް ފާހަގަކުރައްވާފައެވެ. ދިފާއީ ވަކީލުން އެދިވަޑައިގަތީ ޖަލު އަދަބުގެ ބައެއް ޖޫރިމަނާއަށް ބަދަލުކޮށް، އެންމެ ލުއި އަދަބެއް ދިނުމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމަށް ބާއްވާ ފަހު އަޑުއެހުމެވެ.

ގުޅުންހުރި ލިޔުންތައް