- Advertisement -spot_img

ފިޗުގެ ރޭޓިންގ އިން އެނގިގެން ދިޔައީ ކުރީގެ ތިން ރައީސުން ހެއްދެވީ ދޮގުކަން: ޝުޖާޢު

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކުރުމުން، އެކަމުން ދައްކުވައިދެނީ ކުރީގެ ތިން ރައީސުން މި ސަރުކާރުގެ މާލީ ސިޔާސަތާ ގުޅުވައި ރައްޔިތުންނަށް ދެއްވަމުން ގެންދެވީ ހަޤީޤަތާ ހިލާފު ދޮގު މަޢުލޫމާތުތަކެއްކަން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ފިޗުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ރާއްޖޭގެ ’ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން‘ ވަނީ ’ސީސީ‘ އިން ’ސީސީސީ-’ އަށް މަތިކޮށްފައެވެ.

މިކަމާ ގުޅިގެން ޝުޖާޢު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ސިޔާސަތުގެ ހަރުދަނާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

“ފިޗްގެ ފަރާތުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމުން ހާމަވެގެން މިދިޔައީ ރައީސް ޑރ. މުޢިއްޒުގެ މާލީ ސިޔާސަތުގެ ހަރުދަނާކަމެވެ. ރާއްޖޭގެ ރޭޓިންގ ފިޗުން މަތިކުރުމުން ދޭހަމިވީ ރައީސް ޔާމީން، ސޯލިހް އަދި ނަޝީދު، މި 3 ރައީސުން މިސަރުކާރުގެ މާލީ ސިޔާސަތާ ގުޅުވައި ރައްޔިތުންނަށް ދެއްވަމުން ގެންދެވީ ހަޤީޤަތާ ހިލާފު ދޮގު މަޢުލޫމާތުކަން.“ ޝުޖާޢު ވިދާޅުވެފަވެއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއެކު ރާއްޖޭން 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ފިޗްއިން ވަނީ ފާހަގަކޮށްފައެވެ. މި ސުކޫކް ދެއްކުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން 175 މިލިއަން ޑޮލަރު އަދި ރިޒާވުން 350 މިލިއަން ޑޮލަރު ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން، މިއަހަރު ދައްކަން އޮތް 1.1 ބިލިއަން ޑޮލަރުގެ ދަރަނި، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިހާރު ވަނީ 535 މިލިއަން ޑޮލަރަށް ދަށްކުރެވިފައިކަން ފިޗުން ވަނީ ފާހަގަކޮށްފައެވެ. އަދި އާމުދަނީ އިތުރުކުރުމަށް ފަށާފައިވާ އިޞްލާޙުތަކާއި ބޭރު ފައިސާއާ ބެހޭ އާ ޤާނޫނުގެ ސަބަބުން ދައުލަތުގެ މާލީ ޤާބިލުކަން އިތުރަށް ވަރުގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ފިޗްގެ ރިޕޯޓުގައިވާ ގޮތުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް ތަނުގައި ބޭރު ފައިސާގެ ރިޒާވް އަލުން ބިނާކުރުމަށް ރާއްޖެއަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން ދިއުމާއެކު، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު އަހަރަކު 4.5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވެސް އެ އެޖެންސީން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް