- Advertisement -spot_img

ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ދުރުހެލި ވާންޖެހޭ: ޢީދު ޚުތުބާ

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވީ، އީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ.

މިގޮތުން ހައްޖުމަސް ފެށުމާއެކު އެމަހުގެ ތޭރަވަނަދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވާ ކަަމަށްވެސް ޚުތުބާގައި ވެއެވެ.

”އަރަފާތު ދުވަހުގެ ފަތިސް ނަމާދުންފެށިގެން އައްޔާމުއްތަޝްރީގުގެ ތިންވަނަދުވަހުގެ އަސްރުނަމާދާ ހަމަޔަށް ކޮންމެ ފަރުޟުނަމާދެއްގެ ފަހުގައި ތަކުބީރުކިޔުން ސުންނަތް ވެގެންވެއެވެ،“. ޚުތުބާގައި ވެއެވެ.

​ޚުތުބާގައި ވިދާޅުވެފައިވާގޮތުގައި އީދު ދުވަހަކީ މުޅިއަހަރުގައި ވެސް އަންނާނެ އެންމެ މާތް ދުވަސްކަމަށް ބައެއް އިލްމުވެރީން ދެކެވަޑައިގަންނަވައެވެ. މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކުވެސް އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ނަމަވެސް ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާންޖެހޭނެ ކަމަށްވެސް ޚުތުބާގައި ވެއެވެ.

”އީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުންމާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! އީދުގެއުފާ ފައުޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭއެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ،“. ޚުތުބާގައި ވެއެވެ.

​އީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެއްކަން ފާހަގަކުރައްވަމުން ޚުތުބާގައި ވިދާޅުވީ ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަހުންނާއި އުހުތުންނަށް އީދުގެ ތަހުނިޔާކިޔައި، އީދުގެ އުފަލުގައި އެ އަހުންނާއި އުހުތުން ވެސް ބައިވެރިކުރުމަށް އެދޭ ކަމަށެވެ.

”އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާންނައްތައިނުލާށެވެ! ނަސްލުނައްތައިލުމުގެ ބިރުވެރި ގަތުލުއާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައްހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރާށެވެ! މިމާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮދުއާކޮށް ނަސްރާއި ކާމިޔާބުދެއްވާތޯ ދުޢާކުރާށެވެ! މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާއެވެ،“. ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވަނީ އީދުގެ ޖަމާއާތުން ވަކިވުމުގެ ކުރީން އެކަކު އަނެކަކަށް މައާފުކޮށް ހިތްތައް ސާފުކުރުމާއެކު ސަލާންގަލާންކޮށް ހިނިތުންވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ބޮޑާކަމާއި ކިބުރުވެރިކަމާއި ހަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ތިމާގެކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލުމަށްވެސް ނަސޭހަތްތެރިވެފައި ވެއެވެ.

އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭކަމަށް ސައްހަ ހަދީސްތަކުގައި އައިސްފައި ވެއެވެ. އަދި ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ އެ ދުވަހު ރައްކާތެރިކަމެއްނެތްކަން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވެއެވެ،“. ޚުތުބާގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް